ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައިި ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރައްވާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އެ ނިންމެވުން އަނބުރާ ގެންދަވައިފިއެވެ.
އެމްޑީއޭއިން މިއަދު ބޭއްވި ކައުންސިލު ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ނިންމުންތަކެއް ނިންމައިފައެވެ.
އެމްޑީއޭގެ ކައުންސިލުން ނިންމީ ސިޔާމް އިންތިޚާބުގައި ވާދަނުކުރައްވައި އިންތިޚާބުގައި ވާދަކުރާ ޕާޓީއަކާއެކު ކޯލިޝަނެއް ހެދުމަށެވެ.
އެމްޑީއޭގެ ނައިބު ލީޑަރު ޢަލީ މަޢުރޫފް ވިދާޅުވި ގޮތުގައި އެމްޑީއޭގެ ތާއީދަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.
އޭނާ ވިދާޅުވީ ކޯލިޝަން ހަދާނެ ބައެއް ނިންމާނީ ރައީސްގެ ސިޓީއާއި އަދި އެހެން ޕާޓީތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.