އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމުމުން, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކަމަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފިއެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހަދަން އަދާލަތުން ނިންމީ މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.
އަދާލަތުން އެ ނިންމުން ހާމަކުރުމާއެކު ރައީސް ޞާލިޙް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފައެވެ.
”2023 ގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށް ދިއުމަށް ނިންމި ނިންމުމަށް މަރުހަބާއާއި ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުން.“
އަދާލަތުގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލު ވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ފައްޔާޟް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ކުރިމަތި ކުރުވި ބޮޑެތި ގޮންޖެހުންތަކާ ފުރައްސާރަތަކާއެކު ވެސް، ސާބިތުކަމާއެކު އެމްޑީޕީއާއި ސަރުކާރާއެކު މި ވޭތުވެދިޔަ ތަނުގައި ގައުމުގެ ހެވާއި ލާބައަށް ތިއްބެވީތީ އަދާލަތު ޕާޓީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.