އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަފާލަތުގެ ދަށުން މިނިވަން ކޮށްދިނުމަށް ހައިކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގާފައިވާ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ޔާމީންގެ ގާނޫނީ ޓީމުން އިއްޔެ ވަނީ ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ޔާމީން ގާނޫނީ ޓީމުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިި ޑރ.ޖަމީލު ވިދާޅުވީ ޔާމީންގެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީވުމާއެކު ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެދި ހުށަހަޅުއްވާނެ ކަމަށެވެ.
ޖަމީލު ވިދާޅުވީ ވޮޑަމުލާ މައްސަލައިގައި ކަފާލާތުގެ ދަށުން ޔާމީން މިނިވަންކުރަން އަމުރު ނުލިބުނު ނަމަވެސް މި މައްސަލައިގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރު ލިބޭނެކަމުގެ ޔަގީންކަން އެބައޮޮތް ކަމަށެވެ.
ޖަމީލު މިއަދު ވެސް ވަނީ ހައިކޯޓުގައި ޔާމީންގެ މައްސަލަ ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމުގެ ވަގުތު އޮއްވާ ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ހެކިންނަށާއި ފަޑިޔާރުންނަށްވެސް ނުފޫޒު ފޯރުވާނެކަން ޔަގީނެވެ. އެގޮތަށް ނުވިއްޔާ އިންޒާރުދީ ބިރުވެސް ދައްކާނެއެވެ.