އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ.
ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ތާއީދުކޮށް ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާއަށް ރައީސް ޞާލިޙް ދައުވަތު ދެއްވުމުން އެކަމާމެދު ޢަދާލަތުން ވަނީ އެމްޑީޕީއާއެކު މަޝްވަރާކޮށްފައެވެ.
އެ ގޮތުން ކުރެވުނު މަޝްވަރާތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށާއި މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓައި ރާއްޖޭގެ ސުލްހަމަސަލަސްކަން ދަމަހައްޓައި ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް އެއްބަސްވެފައިވާ ކަމަށް ޢަދާލަތުން ބުންޏެވެ.
އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވާލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ޢަދާލަތުން ބުންޏެވެ.
އަދާލަތުން ބުނީ ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އެ ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާއާ އެކި ސަރުކާރުތަކުގައި އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކުރާއިރު މި ހާލަތުގައި އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އެ ޕާޓީއަށް މަސައްކަތްކުރެވެން އޮތީވވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު އިންތިޚާބު ކޮށްގެންކަމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށެވެ.
އެ ގޮތުން އެ ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވައިލުމަށްފަހު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވާ ކަމަށެވެ.