އެމްޑީޕީގެ ފުވައްމުލައް ސިޓީ ރައީސްގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓާސް ލިސްޓު އެ މެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާންމުކޮށްފިއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު, ފުވައްމުލައް އުތުރު ދާއިރާގައި ވޯޓުލެވޭނެ މެންބަރުންގެ އަދަދަކީ 428 އެވެ. އަދި ފުވައްމުލައް މެދު ދާއިރާގައި ވޯޓުލެވޭނެ މެންބަރުންގެ އަދަދަކީ 755 އެވެ.
ފުވައްމުލައް ދެކުނު ދާއިރާގައި ވޯޓުލެވޭނެ މެންބަރުންގެ އަދަދަކީ 495އެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގެ މެންބަރުންގެ ތެރެއިން މާލޭގައި ވޯޓުލެވޭނެ މެންބަރުންގެ އަދަދަކީ 398 އެވެ.
ފުވައްމުލަކު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވީ ހަތަރު ބޭފުޅުންނެވެ.
ކުރިމަތިލެއްވި ބޭފުޅުން:
ކެންޑިޑޭޓް ނަންބަރު 01: އަޙްމަދު މުޖްތަބާ ޢަބްދުﷲ – މަހިލަނބުމާގެ/މާދަޑު، ފުވައްމުލައް.
ކެންޑިޑޭޓް ނަންބަރު 02: ޙަސަން ވާސިފް ޙުސައިން – ފަޅަގަޑިގެ/ފުނާޑު، ފުވައްމުލައް.
ކެންޑިޑޭޓް ނަންބަރު 03: ސަޢުދުﷲ އަޙްމަދު ޙަސަން ދީދީ – ނޫރީފެހި/ފުނާޑު، ފުވައްމުލައް.
ކެންޑިޑޭޓް ނަންބަރު 04: މުޙައްމަދު ނޫރު އަޙުމަދު – ލަކީ/މާލެގަން، ފުވައްމުލައް.
މި އިންތިޚާބު އޮންނާނީ އަންނަ މާޗުމަހުގެ 04 ވާ ހޮނިހިރު ދުވަހުއެވެ.