ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓުތަކުން ފައިސާ މަދުވެ، ބޮޑެތި އަދަދުތަކުން ފައިސާ ގެއްލޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ހުށަހަޅުއްވައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ރިޔާޒް ވިދާޅުވެފައިވަނީ ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ މަދުވާ މައްސަލައިގައި އެކައުންޓުތަކުގެ ވެރި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ބީއެމްއެލްއާއި، ގާނޫނޫ ތަންފީޒުކުރާ އިދާރާއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާތަނަށް އެކަމާ ގުޅޭ ގޮތުން ޒިންމާދާރުކަމާއެކު އެއްޗެއް ބުނެފައިނުވާ ކަމަށެވެ.
އަދި ބަރަކާތްތެރި ރަމަޟާން މަސް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ އެތައް ބައެއްގެ އެކައުންޓުތަކުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެއްސުމުގައި އެ ފަރާތްތަކަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރު ކުރާނެ ހާލަތެއް ކަމަށް ވެސް ރިޔާޟްގެ ސިޓީގައިވެއެވެ.
އެހެންކަމުން މި ޝަކުވާތައް އަވަހަށް ބަލައިި, ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ސަރުކާރު މެދުވެރިކޮށްގެން ހަމަޖެއްސުމަށް މަސައްކަތް ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.