ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން އެންމެ އެއްގޮތީ ކަޅު މުޙައްމަދު ރަސްގެފާނު ކުރެއްވިފަދަ ވެރިކަމަކާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުތެރޭ ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗަރ ކުރުމާއި އެ ދަރަނި އަދާކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައެވެ.
ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީން ރިޕޯޓެއް ފާސްކުރީ 2020 އޮކްޓޫބަރު 21 ގައެވެ. އެ ގޮތަށް ފާސްކުރީ ރައީސް ޞާލިޙަށް ތާއީދުކުރާ މެންބަރުންގެ ވޯޓާ ވެސް އެކުގައެވެ.
ވައްޑެ ވިދާޅުވީ ހުށަހަޅުއްވާފައިވާ ގަރާރާ ދެކޮޅަށް ރައީސް ޞާލިޙަށް ތާއީދުކުރައްވާ މެންބަރުން މިއަދު ދައްކަވާ ވާހަކައަކީ އެ މެންބަރުން އަމިއްލައަށް ދައްކާ ވާހަކަ ނޫންކަން އެނގޭ ކަމަށެވެ.
ދަރަނީގެ އަދަދު ފެނިފައި މިއަދު ފިއްކަނޑައިގެންދާވަރުވާ ކަމަށާއި 2026 ގައި ދަރަނި ދެއްކުމަށް 18 ބިލިއަން ރުފިޔާ ހޭދަކުރަންޖެހޭކަން ވެސް ވައްޑެ ފާހަގަކުރެއްވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ ދައުލަތަށް ތެދުވެރިވެ އަންނާން އޮތް ޖީލުތަކަށް ތެދުވެރިވުމަކީ ޒަމާނުއްސުރެ ދިވެހި ވެރިން ގެންގުޅުއްވި ހަމައެއް ކަމަށެވެ. އެ ހަމަ ނުހިފެހެއްޓެވުނީ ކަޅު މުޙައްމަދު ރަސްގެފާނު ކަހަލަ މަދު ވެރިންނަށް ކަމަށާއި ރައީސް ޞާލިޙްގެ ވެރިކަމުގެ މިސާލަކީ ވެސް އެއީކަމަށް ވައްޑެ ވިދާޅުވިއެވެ.
”އެ ހަމަ ނުހިފެހެއްޓި ތިއްބަވާނެ ކަޅު މުޙައްމަދު ރަސްގެފާނު ކަހަލަ މަދުވެރިން. ހިތާމައާއެކީ ދަންނަވަންޖެހެނީ އަޅުގަނޑުވެސް ވަރަށް ބޮޑު ހިއްސާއަކުން ގެނެސްފަ މި އޮތް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން އަޅުގަނޑުމެންނަށް މިހާރު މިސާލުޖެހޭ ހިސާބަށް މި ދިޔައީ ކަޅު މުޙައްމަދު ރަސްގެފާނު (ކުރެއްވި) ފަދަ ވެރިކަމަކާ.“
ވެރިކަން ދެމެހެއްޓެވުން ނޫން އެހެން އެއްވެސް މަގުސަދެއް ރައީސް ޞާލިޙްގެ ނެތް ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
09 ވަނަ ޙަސަން ރަސްގެފާނުގެ ކާފާފުޅު ކަޅު މުޙައްމަދު މަނިކު ނުވަތަ ކަޅު މުޙައްމަދު ރަސްގެފާނަކީ ތިންފަހަރު މަތިން ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅެކެވެ. އެއީ އިންޑިއާގެ ބާރުގަދަ ރަސްރަސްކަލުންނާއި، ޕޯޗުގީޒުންނާއި، ކަންނަންނޫރާއި، މަލާބާރީން ރާއްޖޭގެ ދާޚީލީ ކަންތައްތަކުގެ ތެރެއަށް ވައްދަވައިގެން އެ މީހުން މެދުވެރިކޮށް ރާއްޖޭގެ އަމާންކަން ނަގައިލެއްވި ރަސްކަލެކެވެ.