ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލު ހޯއްދެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅުއްވައިފިއެވެ.
އެ ހުށަހެޅުން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ.
ޢަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް ހެދުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާކަމަށް މިދިޔަ އަހަރު އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވައި ޠާރިޤް މިނިސްޓަރާ ކުރައްވަން ނިންމަވާފައިވާ ސުވާލުތަކަކީ ކޮންޓްރެކްޓަރުގެ އަގަކީ ކިހާ ވަރެއްތޯއާއި, މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯއާއި, މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އަދި ސްކޫލުގެ ބޭނުން ކުރަން ފެށޭނެ ދުވަހަކީ ކޮބައިތޯ މި ސުވާލުތަކެވެ.
ޢަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި, އެ ތަނަކީ ދަރިވަރުން ބައިތިއްބަން އެކަށީގެންވާ ތަނަކަށްނުވާތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސުކޫލުގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އެކަމަކު އެ ތަނަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ޖާގައެއް އޮތް ތަނެއް ނޫނެވެ.
އެ ގޮތުން ބާޖަމާލުއްދީނު ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް ހަދަން ސަރުކާރުން ނިންމާފައިވާއިރު އެ މަސައްކަތް އަދިވެސް ނުފެށޭތީ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.