އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނަށާއި، ޖުމްހޫރީ ޕާޓީއަށާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ދައުވަތު ދެއްވައިފިއެވެ.
ރައްޔިިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދައުވަތު ދެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) އެވެ.
ޠާރިޤް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށް ހީކޮށް ރައީސް ޞާލިޙް ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި އެމްޑީޕީގެ މެންބަރު މިއަދު ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށެވެ.
”އަޅުގަނޑަށް ދެރައީ މިއަދު ފިކުރެއްގެ ދިރުންގެ ބޭފުޅުން ވެސް މިކަހަލަ ބޭފުޅަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެންނަން މަސައްކަތް ކުރެއްވީތީ. ރައްޔިތުން ކައިރިން މާފަށް އެދި މި ނޫން ގޮތެއް، އިބޫ ނޫން ގޮތެއް ހޯދުމަށް ޕީޕީއެމްއާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ގޮވައިލަން.“
މީގެއިތުރުން ޠާރިޤް ވަނީ ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ޖޭޕީއާއި އެމްޑީއޭއަށް ވެސް ދައުވަތު ދެއްވައިފައެވެ.
”ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވެސް އަޅުގަނޑު ގޮވައިލަން ފުރަތަމަ ބުރުގައި ކޯލިޝަން ހަދަންޏާ އަޅުގަނޑުމެންނާއެކު ކޯލިޝަންގައި ބައިވެރިވުމަށް. ނުވަތަ ދެވަނަ ބުރުގައި ޕީޕީއެމްއާއެކު ރިޔާސީ އިންތިޚާބު ނިންމެވުމަށް.“
ޠާރިޤް ވިދާޅުވީ ކުދިކުދި ޕާޓީތަކާއެކު ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މަސައްކަތް ކުރެއްވި ނަމަވެސް ހިސާބު ޖައްސަވާލައިފިނަމަ ކަން އޮތް ގޮތް އެމަނިކުފާނަށް ވެސް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާއި ނަޝީދު އެކައްޗެއް ކިޔުއްވައިގެން ނުކުންނަވައިފިނަމަ އެމްޑީޕީ ދާނީ ތިންވަަނައަށް ކަމަށް ވެސް ޠާރިޤް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ ކޯލިޝަން ހެދުމަށް އެދި އެމްއާރްއެމްއާއި ޖޭޕީއާއި އަދާލަތަށް ސިޓީ ފޮނުއްވާފައެވެ. ނަމަވެސް އެއިން އެއްވެސް ޕާޓީއަކުން އަދި ގޮތެއް ނިންމާފައެެއް ނުވެއެވެ.