އެމްޓީސީސީން ”ސުޕަވައިޒަރސް ފޯރަމް 2023“ ބާއްވައިފިއެވެ.
މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންއާއި އެޗް.އާރް ޑިވިޜަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.
ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާފައިވެއެވެ.
މީގެ އިތުރުން އެމްޓީސީސީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ ”ޕްރިވެންޓިވް މެއިޓެނެންސް“ ގެ އިމުގެތެރެއިން ކުންފުންޏަށް އެންމެ ފައިދާވާ ގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
އަދި އެމްޓީސީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވައިލެވުނެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޢާއްމުން ވެސް ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވައިލާ މިކަމާގުޅޭ މުހިންމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ހިއްސާ ކުރެވުނެވެ.
ހަމައެއާއެކު ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހުލާގީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރި ކުރެވުނެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ވެރިން ވަނީ މި ފޯރަމްގައި ބައިވެރިވެފައެވެ. އެ ގޮތުން 88 ސައިޓް ސުޕަވައިޒަރުން ބައިވެރިވިއެވެ.
މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގި މިފަދަ ދެވަނަ ފޯރަމެވެ.
”އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން. މިގޮތުން މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރަށް ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕްއާއި ޓްރޭނިންގ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް.“ އެ ކުންފުނިން ބުންޏެވެ.
އެ ގޮތުން ވޭތުވެދިޔަ އަހަރު 2043 މުވައްޒަފުން 26,920 ގަޑިއިރުގެ ޓްރޭނިންގް ފުރިހަމަ ކޮށްފައިވާ ކަމަށާއި އަދި 2021 ވަނަ އަހަރު 11 ސްކޮލަރޝިޕް އަދި 2022 ވަނަ އަހަރު 8 ސްކޮލަރޝިޕް ފުރުސަތު ތަފާތު ރޮނގުތަކުން ރާއްޖޭން ބޭރުގައި ކިޔެވުމަށް ކުންފުނީގެ މުވައްޒަފުންނަށް
ފޯރުކޮށްދެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.