ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާޢީލާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން 2021 ޑިސެމްބަރު 13 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރެވިފައިވާ ކަމަށާއި އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ 2023 ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 13 ވަނަ ބައްދަލުވުމުގައެވެ.
ގާޒީ އާދަމް އިބްރާހިމް އިސްމާޢީލާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފަރުވާކުޑަ ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.