ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލިސް ކުރާ މާލަމުން ނެރެފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔަޢުޤޫބުގެ ނަން އިއްވެވީ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށްދިޔަ ވަގުތު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެ ގަރާރަށް ބަހުސް ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު ޔަޢުޤޫބު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރައްވައިފައެވެ.
އެ ގޮތުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް ޔަޢުޤޫބަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ނަމަވެސް ޔަޢުޤޫބު އެއާ އެއްގޮތަށް އަމަލު ނުކުރެއްވުމުން މަޖިލީހުގެ ރައީސަށް އެންމެ ފަހުން ޖެހުނީ ޔަޢުޤޫބުގެ ނަން އިއްވަވާށެވެ.
މަޖިލިސް ކުރާ މާލަމު ދޫކޮށް ޔަޢޫޤޫބު ނުކުމެވަޑައިގަތުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ވެސް ވަނީ އަޑުގަދަ ކުރައްވައިފައެވެ.