ތުރުކީއާއި ސީރިޔާއަށް ކުރިމަތިވި ފަނާކުރަނިވި ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ވަރަށް ގިނަ ބަޔަކު ދަނީ އެހީތެރިވަމުންނެވެ. ބިންހެލުމުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވުމަށް ގިނަ ބަޔަކު އެހީތެރިވެދީ ހަދިޔާ ދެމުން ދާއިރު ތުރުކީގެ އެންމެ 9 އަހަރުގެ ކުޑަ ކުއްޖަކު ވެދިން އެހީ މީޑިއާތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
އުމުރުން 9 އަހަރުގެ އަލް ޕަރސްލާން އަފީ ދިމިރު ވަނީ އޭނާގެ ޖީބު ފައިސާގެ ގޮތުގައި ބޭނުންކުރަން ލިބުނު ފައިސާ، ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ހަދިޔާކޮށްފަ އެވެ.
ގަލްފް ނިއުސް އިން ބުނި ގޮތުގައި ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގެ ޚަބަރު އަލް ޕަރސްލާން އަފީ ދިމިރަށް އިވުމުން އޭނާގެ ހިތަށް ވަރަށް ފުން އަސަރެއް ކުރި އެވެ. އެކަމާ އޭނާ ވަރަށް ދެރަވިއެވެ.
އޭނާއަކީ މީގެ ކުރިން ބިން ހެލުމަކުން ލިބުނު ގެއްލުމުގެ ތަޖުރިބާ ކޮށްފައިވާ ކުއްޖެކެވެ. އޭނާއަށް އެކަން ތަޖުރިބާ ކުރަން ޖެހުނީ ތުރުކީގެ ހުޅަނގު އުތުރު ޕްރޮވިންސް ޑޯޒް އަށް 5.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާ ގުޅިގެން، ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް ޕްރެޒިޑެންސީން ހަދާފައިވާ ފޭލިގެއެއްގައި އޭނާއަށް އުޅެން ޖެހުމުންނެވެ.
ބިން ހެލުމުގައި އެތައް ހާސް ބަޔަކަށް ގެއްލުން ލިބުނު ޚަބަރު އަލް ޕަރސްލާން އަފީ ދިމިރުއަށް ލިބުމުން އޭނާ، އޭނާގެ މަންމަ ގާތު ބުނީ އޭނާގެ އަތުގައި ހުރި ފައިސާ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ހަދިޔާ ކުރަން ބޭނުންވާ ކަމަށެވެ.
ދަރިފުޅުގެ އެދުން ފުއްދުމަށް މަންމަ އާއި ދަރިފުޅު ޑޫޒް ޕްރޮވިންސްގައި ހުންނަ ތުރުކީގެ ރެޑް ކްރެސެންޓަށް ޒިޔާރަތްކޮށް އަލް ޕަރސްލާން ވަނީ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ސިޓީއެއް ލިޔެ އޭނާގެ އަތުގައި ހުރި ފައިސާކޮޅު ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށް ގެއްލުން ލިބުނު މީހުންނަށް ރައްދުކޮށްދިނުމަށް އެދިފައެވެ. އެ ފައިސާގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.
އެކުއްޖާގެ ސިޓީ ކިޔުމުން ރެޑްކްރެސެންޓްގެ މުވައްޒަފުންގެ ލޮލުން ކަރުނަ ފޭބި ކަމަށް ވެއެވެ.

އުމުރުން 9 އަހަރުގެ ކުޑަ ކުއްޖާ އޭނާގެ ސިޓީގައި ލިޔެފައި ވަނީ ޑޫޒް ޕްރޮވިންސަށް ބިންހެލުން އައިއިރު އޭނާ ވެސް ވަރަށް ބިރުގަތްކަމަށާއި، އެހެން ސިޓީތަކަށް ބިންހެލުން އައިސްފައިވާ ޚަބަރު އަޑު އިވުމުން އަނެއްކާވެސް އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނުކަމަށެވެ. އެހެންވެ އޭނާގެ ޖީބު ފައިސާ އޭނާ ފަދަ އެހެން ކުދީންނަށް ހަދިޔާކުރީ ކަމަށެވެ. އަދި އޭނާގެ
ހެދުމާއި ކުޅޭ އެއްޗެތި ފޮނުވާނެ ކަމަށް ވެސް އެ ސިޓީގައި ލިޔެފައިވެއެވެ.
ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު ތުރުކީގެ ދެކުނުގެ ކަހްރަމަންމާރ ޕްރޮވިންސަށް 7.7 ގެ ބާރުމިނުގެ ބިންހެލުމެއް އައިސް، އޭގެ ގާތްގަނޑަކަށް 9 ގަޑިއިރު ފަހުން އަނެއްކާވެސް ހަމަ އެ ޕްރޮވިންސަށް 7.6 ގެ ބާރުމިނުގެ ބިންހެލުމެއް އައިސް އެ ސަރަހައްދުގެ ބޮޑު ބައެއް ހަލާކުވެ އިމާރާތްތައް ބިމާ ހަމަވެ އިމާރާތްތަކުގެ ދަށުވެ އެތައް ހާސް ބަޔަކު މަރުވިއެވެ.
ބިންހެލުމާ ގުޅިގެން ތުރުކީ އާއި ސީރިއާގެ ބައެއް ސިޓީތަކުގައި އެތައް ހާސް އިމާރާތްތަކެއް ވެއްޓި ހޮސްޕިޓަލްތަކާއި ސްކޫލްތައް ހަލާކުވެ އެތައް ހާސް ބަޔަކަށް އަނިޔާވެ ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވެއެވެ.
އުމުރުން 9 އަހަރުގެ ކުޑަ ކުއްޖާ ކުރި އާދަޔާ ޚިލާފު މަސައްކަތަށް ހިތްވަރުދީ ވާހަކަދައްކާ މީހުން ބުނާ ގޮތުގައި ބަލަންވީ އޭނާ ހަދިޔާ ކުރި ފައިސާގެ އަދަދަކަށް ނޫނެވެ. ބަލަންވީ އޭނާ ކުރި އިޚްލާޞްތެރި، އޯގާވެރި މަސައްކަތަށެވެ. އޭނާ ދުނިޔެއަށް ދެއްކީ ނަމޫނާ މިސާލެކެވެ.