އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމުގެ ގޮތުން، އަވަސް އަރުވާލައިގެން އެ މަނިކުފާނަށް ޙުކުމް ޖަހަން އުޅޭކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެ، އެ މަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އެ ގޮތުން ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް ދައުވާ އުފުލާ އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތްބާނާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމެއް ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެވުނު ފުރަތަމަ ހުކުމަކީވެސް ޙައްޤު ނޫން ޙުކުމެއްކަން އިސްތިޢުނާފު މަރުހަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އެބަ އޮތް ކަމަށާއި، މިހާރު ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާ މައްސަލައަކީ ވެސް ސިޔާސީ ނުފޫޒުން ކޮށްފައިވާ ޙަރާން ޙުކުމެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭނެ ކަމަށެވެ.
”އެންމެ ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުން އިސްތިޢުނާފީ މަރުޙަލާއިން ބާޠިލުވެގެން ދާނެކަމަށް ސަރުކާރަށްވެސް ޤަބޫލުކުރެވެން ފެށުމާއެކު އިތުރު ދަޢުވާއެއް އެ މަނިކުފާނުގެ މައްޗަށް އުފުލައި އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމަށް އޮތް ފުރުސަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ގަބޫލު ކުރެވެއެވެ.“
އެހެންކަމުން ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާއި އުފުލާފައިވާ ދައުވާތަކަށް އަވަސް އަރުވާލައިގެން ޙުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ. ހަމައެއާއެކު ހައިކޯޓުގައި އިސްތިޢުނާފު ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް ވެސް ގޮވާލައިފައިވެއެވެ.