ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް 200,000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އިންޓަނެޓް ބޭންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒްކުރުމަށްފަހު އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެ ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް -/200000ރ (ދެލައްކަ ރުފިޔާ) އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.