އއ.މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ޙަސަން ޢަލީ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށާއި އެ ގޮތުން މާލޭގެ އެކި ތަންތަން ވެސް ބަލާފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މަތިވެރި/ރިވެލި، ޢުމުރުން 73 އަހަރުގެ ޙަސަން ޢަލީ (ހަސަންފުޅު) ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
ހަސަންފުޅު ހޯދުމަށް މަތިވެރީގެ ރައްޔިތުންނާއި ފުލުހުން ވަނީ އެ ރަށުގެ ގޭބީސީތަކާއި ފަޅު ގޯތިތަކާއި އެހެނިހެން ހުރިހާ ސަރަހައްދުތައް އެކި ފަހަރު މަތިން ވަނީ ބަލާފައެވެ. ފުލުހުން ވަނީ އެ ރަށުގެ އެކި ހިސާބުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ވެސް ބަލާފައެވެ.
ފުލުހުން ބުނީ އެ ރަށުގެ ހުރިހާ އޮޑިދޯނިފަހަރު ބަލައި އެއްވެސް ރަށަކަށް އޭނާ ގޮސްފައިވޭތޯ ވެސް ބަލާފައިވާ ކަމަށެވެ. އަދި އެ ރަށުގެ ފަޅާއި ކަނޑުގެ ސަރަހައްދަށް ފީނައިގެން ވެސް ބަލާފައިވާ ކަމަށެވެ.
”ޙަސަން ޢަލީ ގެއްލިފައިވާ މައްސަލައިގެ ތަހުގީގުގައި މަތިވެރިން ލިބެންހުރި ސީސީޓީވީ ފޫޓޭޖުތައް ހޯދައި 157 ގަޑިއިރުގެ ފޫޓޭޖު ދިރާސާކޮށްފައިވޭ. މި ފޫޓޭޖުތަކުން ޙަސަން ޢަލީ އެންމެ ފަހުން ފެނިފައިވަނީ 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ 9:30 އެހައިކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދާ މަންޒަރު. ތަހުގީގަށް ލިބުނު މައުލޫމާތާ ގުޅިގެން މާލޭގެބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައް ވެސް ބަލާފައިވޭ. އަދި ތަހުގީގުގެ ތެރެއިން މިހާތަނަށް 199 މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް އަދިި 29 މީހެއްގެ ބަޔާންނަގާފައިވޭ.“
ޢާންމު ގޮތެއްގައި ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ ޙަސަންފުޅުބޭ އެންމެ ފަހުން ލައިގެން ހުރީ މުށިކުލައިގެ ގަމީހަކާއި ކަށިމައްޗާ ހިސާބަށް އަރާ ސޯޓުބުރިއެއް ލައިގެން ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ.