އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި އަދާލަތު ޕާޓީން މިއަދު އެމްޑީޕީއާއެކު މަޝްވަރާކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް, ޢަދާލަތު ޕާޓީގެ ތާއީދަށް އެދިވަޑައިގެންފައިވާތީ އެކަމާމެދު އެމްޑީޕީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އަދާލަތުގެ ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވީ މިއަދު އެ ޕާޓީން އެމްޑީޕީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
”އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރޖ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުވަތަށް، އެ ޕާޓީއާއެކު މަޝްވަރާކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާތީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ގުޅޭ ގޮތުން އެމްޑީޕީއާއެކު މިއަދު މަޝްވަރާކުރެވުނު.“
ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާމެދު އަދާލަތުން އަދި ވަކި ގޮތެއް ނުނިންމައެވެ. އެއީ އިތުރަށް މަޝްވަރާކުރަންޖެހޭ ބައެއް ކަންކަން ހުރުމުންނެވެ.
ސެޕްޓެމްބަރުގައި އޮންނަ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކޮށްދިނުމަށް އެދި ރައީސް ވަނީ ޖޭޕީއާއި އެމްއާރްއެމްއަށް ވެސް ސިޓީއެއް ފޮނުއްވައިފައެވެ. ނަމަވެސް އެ ދެ ޕާޓީއަކުން ވެސް އަދި ވަކި ގޮތެއް ނުނިންމައެވެ.