ދިވެހި ބަސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ މަނިކުފާނުގެ ޓުވީޓުގައި ވަނީ ދިވެހިބަހަކީ ފަށުވި، ރީތި، ހިތްގައިމު ބަހެއްކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހި ބަސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެހައި ދިވެހިންގެ ޤައުމީ ޒިންމާއެއްކަން ވެސް ހަނދާންކޮށްދެއްވިއެވެ.
”ދިވެހިންގެ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން. މި ފަށުވި ރީތި ހިތްގައިމު ބަސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެހައި ދިވެހިންގެ ޤައުމީ ޒިންމާއެއް.“
ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 21 ގައެވެ. މި އަހަރުގެ މާދަރީ ބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ ”ގިނަބައްސަ ތައުލީމު – ތައުލީމީ ނިޒާމުގެ ހެޔޮ ބަދަލަކަށްޓަކައި ލާޒިމު“ މިއެވެ.