ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުމަހު އިއްވި ޙުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދަޢުވާއެއް އުފުލިއެވެ.
އެ ދެ ދަޢުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށާއި ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސްކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވަނީ ހައިކޯޓުން މައްސަލަ ކާމިޔާބުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.