ތަޢުލީމީ ނިޒާމުގެތެރޭގައި މިހާރަށްވުރެ ބޮޑަށް ދިވެހި ބަހާއި ބަހުގެ ބަހުރުވަތަކަށް އިސްކަންދީ ކުދިންނަށް ދިވެހިބަހާއި ބަހުރުވަތައް ބޭނުންކުރަން ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޔުމްނާ ވިދާޅުވީ އިންސާނާ ހެދިބޮޑުވަމުން އަންނައިރު އެ ބައެއްގެ ވެށި ދަސްކުރުމުގައި އެ ބައެއްގެ މާދަރީބަސް މުހިންމު ރޯލެއް އަދާކުރާ ކަމަށާއި އެހެންކަމުން ޅަފަތުގެ ތަޢުލީމު ފަށާއިރު މާދަރީބަހަށް އިސްކަންދީ މަޑުމަޑުން އެހެން ބަސްތައް އެ ކުދިންނަށް ތަޢާރަފު ކުރުމަކީ އެ ކުދިންގެ ހެދިބޮޑުވުމަށާއި ވެށި ދަސްކުރުމަށާއި އަމިއްލަވަންތަކަމާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް މުހިންމުކަމެއް ކަމަށް ކަމާބެހޭ މާހިރުން ލަފާ ދެއްވާ ކަމަށެވެ.
”ދިވެހިރާއްޖޭގައި ވެސް ތަޢުލީމީ ނިޒާމުގެތެރޭގައި މިހާރަށްވުރެ ބޮޑަށް ދިވެހި ބަހާއި ބަހުގެ ބަހުރުވަތަކަށް އިސްކަންދީ ކުދިންނަށް ދިވެހިބަހާއި ބަހުރުވަތައް ބޭނުންކުރަން ފުރުސަތު ދިނުމަކީ މުހިންމު ކަމެއް.“
އެއީ އެ ކުދިންގެ އަމިއްލަވަންތަކަމާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމަށާއި އަދި ދިވެހިބަސް އުވިގެންދިޔަ ނުދީ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކޮންމެހެން ކުރާން ޖެހިފައިވާ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޔުމްނާ ވަނީ ދިވެހިބަހާއި ބަހުރުވަތައް ރައްކާތެރިކުރަން އެންމެން ގުޅިގެން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.