އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ތާވަލުކޮށްފައިވާ ގޮތުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދިފާޢީ ވަކީލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ރައީސް ޔާމިނަށާއި، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއަށާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ވަނީ އިބްތިދާއީ އަޑުއެހުންތައް ނިމުނުކަން އިއުލާނުކުރައްވައިފައެވެ.
މި މައްސަލައިގައި ދެން އޮންނާނީ ޝަރީޢަތް ފެށުމުގެ ކުރިން، ދަޢުވާ ލިބޭ ހުރިހާ ފަރާތްތަކުން ވެސް އިފްތިތާހީ ބަޔާން އިއްވުމެވެ. އެ ގޮތުން ސަންގެ ދެ ކުންފުނީގެ އިފްތިތާހީ ބަޔާން އިއްވުމަށް ތާވަލުކޮށްފައިވަނީ މާޗު 09 ވަނަ ދުވަހަށެވެ. ކްރިކް ރިޟާގެ އިފްތިތާހީ ބަޔާން އިއްވަން ތާވަލުކޮށްފައިވަނީ މާޗު 12 ވަނަ ދުވަހަށެވެ. ޔާމީންގެ ބަޔާން އިއްވަން ތާވަލުކޮށްފައިވަނީ މާޗު 13 ވަނަ ދުވަހަށެވެ. އަދި އެ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ހެކިންގެ ހެކިބަސް ނެގުމަށް ކައިރިކައިރީގައި 08 އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.
މި ނިންމެވުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރާ ވ.އާރަށުގެ މައްސަލަ ވެސް އޮތްއިރު ކޮންމެ ދުވަހަކު އަޑުއެހުން ބޭއްވުމަކީ ވަކީލުންނަށް އެކަމުގެ ތަކުލީފު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި މައްސަލަ ތާވަލުކުރަން އެދެނީ ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބޭ ގޮތަށް ކަމަށާއި އަވަސްކޮށްގެން ޝަރީޢަތް ކުރިއަށް ގެންދާއިރު ޙައްޤުތަކެއް ވެސް ގެއްލިގެންދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމަންޓުގެ ވަކީލުން ވެސް ވަނީ އަޑުއެހުންތައް ތާވަލުކޮށްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ވަކީލުންގެ ކަންބޮޑުވުންތައް ފާޅުކުރެއްވުމުން ގާޒީ ވިދާޅުވީ ގަސްދުކުރައްވަނީ އަވަހަށް މައްސަލަތައް ކުރިއަށް ގެންދަވަން ކަމަށެވެ. އަދި މި މައްސަލައިގައި ވެސް ތިން މަސް ފަހުން ޝަރީޢަތް ފެށިގެންދާއިރު، އަވަސް އަރުވައިލެވޭކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މި މައްސަލައަކީ 2020 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވަާ މައްސަލައެއްކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ވަކީލުންގެ ކަންބޮޑުވުންތައް ލިޔުމުން ހުށަހެޅުއްވުމަށެވެ. އަދި އެކަމާމެދު ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.
18dhuvasthetey bodushareeah nimmaahukumkuri irukaleah tangalhu dhenmiadhurhiyaveekihineh