ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުޅަނދުގެ ވެރި ފަރާތުން އުފުލަންޖެހޭ ގޮތަށް, ކަނޑުމަގުން މުދާ އުފުލުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމާބެހޭ ގަވާއިދު އާންމުކޮށްފިއެވެ.
މި ގަވާއިދުގައިވާ ގޮތުން ކަނޑު ދަތުރުފަތުރުކުރާ އުޅަނދު ފަހަރަށް އަރުވާ މުދާ ރައްކައުތެރިކަމާއެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކާ ހަމަޔަށް ގެންދެވޭކަން އުޅަނދުގެ ވެރި ފަރާތުން ކަށަވަރުކުރަންވާނެއެވެ. އަދި އުޅަނދުގެ ވެރި ފަރާތުގެ އިހުމާލުން ނުވަތަ އުޅަނދުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ނުބެހެއްޓުމުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުޅަނދުގެ ވެރި ފަރާތުން އުފުލަންޖެހޭނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އުޅަނދަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި ކެޕްޓަނުން ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އެ އުޅަނދެއްގެ ވެރި ފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެ ހުރި ފަރާތަކުން މުދަލުގެ ވެރިފަރާތަށް ދޭންޖެހޭނެކަމަށް ގަވާއިދުގައިވެއެވެ.
ނަމަވެސް އުޅަނދުގެ ކެޕްޓަނުން ކަނޑު ދަތުރުކުރުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުވާތެރިކަމާއެކު ދަތުރުކުރަމުން ދަނިކޮށް އުޅަނދުގެ ކެޕްޓަނުގެ ނުވަތަ ވެރިފަރާތުގެ ގަސްތަކާ ނުލައި ދިމާވާ ހާދިސާއަކާ ގުޅިގެން މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.
ގަވާއިދުގައިވާ ގޮތުން ކަނޑުމަގުން މުދާ އުފުލާ އުޅަނދުގައި މުދާ ބަހައްޓަންވާނީ އުޅަނދަށާއި އުޅަނދުގައި ތިބި މީހުންނަށް ގެއްލުމެއް ކުރިމަތިނުވާނެ ފަދަ ރައްކައުތެރި ގޮތަކަށެވެ.