ދިގު މުއްދަތުގެ ތަމްރީނުތަކަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ފަށަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިގު މުއްދަތުގެ ތަމްރީނިތަކަށް ފަނޑިޔާރުން ވީއްލުމުގައި ޢަމަލުކުރާނެ ވަކި އުސޫލެއް މިހާތަނަށް އެކުލަވާލެވިފައި ނެތް ކަމަށާއި އެފަދަ އުސޫލެއް އެކުލަވައިލަން ނިންމީ ފަނޑިޔާރުންގެ ގާބިލުކަން އިތުރުކުރުމަކީ މުހިންމުކަމެއްކަމުގައި ދެކޭތީ ކަމަށެވެ.
އަދި ފަނޑިޔާރުން އަމިއްލައަށް ހޯދާ ފުރުސަތުތަކުގައާއި ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތަކަށް ފަނޑިޔާރުން ވީއްލުމަށާއި މިފަދައިން ވީއްލާއިރު މުސާރައާއި ޢިނާޔަތްތައް ހަމަޖެހިގެންދާނެ އުސޫލެއް އޮންނަންޖެހޭކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ގޮތަށް ނިންމީ ފަނޑިޔާރުކަމަށް އައްޔަންވުމަށްފަހު ދިގުމުއްދަތުގެ ތަމްރީން ފުރުސަތުގައި ފަނޑިޔާރުން ބައިވެރިވުމަށް ހުރަސްތަކެއް ހުރުމުން އެކަމަށް ރިއާޔަތްކޮށް ފަނޑިޔާރުންނަށް އިތުރަށް ތައުލީމު އުނގެނުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި މި ދާއިރާގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި މި އުސޫލު އެކުލަވައިލަން ނިންމާފައިވަނީ މިފަދަ ފުރުސަތުތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފަނޑިޔާރުން ފަނޑިޔާރުކަމުން ދުރުވެ ވަޑައިގަންނަން ނުޖެހޭނެފަދަ ގޮތަކަށް ވީއްލުމުގެ ކަންތައްތައް އިންތިޒާމް ކުރުމަށް ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.