އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ޝަރީޢަތް ލައިވްކޮށްދިނުމަށް މި މައްސަލައިގައި ދަޢުވާ ލިބޭ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ރައީސް ޔާމިންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ނެގުމުގެ ދަޢުވާއާއި މަނީލޯންޑްރިންގ ގެ ދަޢުވާއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ ޝަރީޢަތް ފެށުމެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލައިގެން މީގެ ކުރިން ހިންގި މައްސަލަތަކެކޭ ވެސް އެއްފަދައިން މި މައްސަލައިގެ ޝަރީޢަތް ވެސް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އެ ހުށަހެޅުމާމެދު މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
މި މައްސަލައިގައި ދެން އޮންނާނީ ޝަރީޢަތް ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކުން ވެސް އިފްތިތާހީ ބަޔާން އިއްވުމެވެ.
އެ ގޮތުން ރައީސް ޔާމީންގެ އިފްތިތާހީ ބަޔާން އިއްވަން ތާވަލުކޮށްފައިވަނީ މާޗު 13 ވަނަ ދުވަހަށެވެ. އަދި އެ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ހެކިންގެ ހެކިބަސް ނެގުމަށް 08 އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.