އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނަތް ހިންގާފައިވާކަމަށް ބުނާ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ފަރާތްތަކުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވެން ނެތް ކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމަވައިފިއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދަޢުވާއާއި މަނީ ލޯންޑަރިންގެ ދަޢުވާ އުފުލައިފައެވެ.
މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. ކްރިކް ރިޟާގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދަޢުވާ އުފުލާފައިވާއިރު, ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދަޢުވާއެވެ.
މި މައްސަލައިގައި ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވެއެވެ.
އެ ހެކިތަކުގެ ތެރޭގައި ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް، ކްރިކް ރިޟާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ހިމެނެއެވެ. މީގެއިތުރުން ސަން އިންވެސްޓްމަންޓްގެ އެތެރޭގެ ތަހުގީގަކަށް އެ ކުންފުނީގެ ވެރިޔާ އަދި ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ދެއްވި ބަޔާނަކާއި ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބިދޭސީ ބައެއް މީހުން ދީފައިވާ ބަޔާންތަކަކާއި ޑިރެކްޓަރުންގެ ބޯޑުގެ ބައެއް ގަރާރުތައް ހިމެނެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ޢަލީ ނަދީމް ވިދާޅުވީ ހެކި ރައްކާތެރިކުރަންވީ އަދި ދައުލަތަށް ސިއްރުކުރަންވީ ސަބަބެއް ކިޔައިނުދެވޭ ކަމަށެވެ. އެހެންވެ ގާޒީ ނިންމެވީ ދިފާއުގެ އެއްވެސް ހެއްކެއް ރައްކާތެރިކުރަން އަމުރެއް ނެެރެދެވޭނެ ތަނެއްނެތް ކަމަށެވެ.