އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގައި ވެސް އެދިފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށެވެ.
ސިވިލް ކޯޓުން ބަލައިގަނެފައިވަނީ ޢަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެވެ. މި މައްސަލައިގައި ސިވިލް ކޯޓުގައި އޭނާ ތަމްސީލު ކުރާނީ ދަ ލިޓިޖަންޓްސް އެލްއެލްޕީ އިންނެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލައިގައި ވަނީ އެ އިންތިޚާބު ބޭއްވީ ޕާޓީން ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށްކަން ފާހަަގަކޮށްފައެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމުގައިވާއިރު, ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން 39000 މެންބަރުން ވަކިކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަން ފާހަަގަކޮށްފައިވެއެވެ.
އެހެންކަމުން އަލުން އެ އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މައްސަލައިގައި ވަނީ އެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 28 ގައެވެ. ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ވެސް ރައީސާ ހަވާލުކޮށްފައެވެ.