މުވައްކިލުގެ މަސްލަހަތުގެ ކުރިޔަށް އުޖޫރަ އިސްނުކުރުމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ގާނޫނީ ވަކީލުންނަށް ގޮވާލައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު މި ގޮތަށް ގޮވައިލެއްވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން ބޭއްވި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޢަދުލު އިންސާފު ގާއިމުކުރުމުގައި ހަރަކާތްތެރިވާ މީހުންނަކީ ޒިންމާބޮޑު ބައެއްކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ރޭ ވިދާޅުވީ ކޮންމެ ވަކީލަކުވެސް ގާނޫނީ ވަކީލުކަމުގެ ހުވާކުރުމަށްފަހު އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަންޖެހެނީ ފަންނުވެރިކަމާއެކު ވަޒީފާގެ މައިދާނުގައި ކުރިޔަށް ވަޑައިގަތުމުގެ މަސައްކަތް އަވަހަށް ފެއްޓެވުމަށް ކަމަށެވެ.
”ހާސިލުކުރެއްވި ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައި އަމަލީ ގޮތުން ކުރިޔަށްދެވޭނެ ފުރުސަތުތައް ހޯއްދެވުން. އެއީ ދައުލަތުގެ ވަޒީފާއެއް ކަމުގައިވިއަސް. އަމިއްލަ ފަރުދެއްގެ ނުވަތަ ކުންފުންޏެއްގެ ވަޒީފާއެއް ކަމުގައިވިއަސް އަދި އަމިއްލައަށް ވަކީލު ކަމުގެ މަސައްކަތް ފަ ށައިގަތުން ކަމުގައިވިއަސް. މިއިން ކޮންމެ މަގެއް ޚިޔާރު ކުރެއްވިކަމުގައި ވިއަސް މަގުސަދަކަށް ވާންވާނީ ތިމާއާ ހަވާލު ކުރެވޭ މަސައްކަތުގައި ލިބުނު ޢިލްމާއި ތަމްރީނުގެ އަލީގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން.“
ވަކީލުކަމުގެ މަސައްކަތް ކުރައްވާއިރު އެންމެ ހިނދުކޮޅަކަށް ވެސް ރޮނގުން ކައްސާލައިގެން ނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވަންވާނީ ކަމަށް ކަމޭ ހިތައިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ހައްގެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން ކަމަށާއި އެކަންކަމާމެދު އެމީހަކާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ފަސޭހަ ކަމެއްނޫން ކަމަށާއި ހުކުރެއް ހޮނިހިރެއް ނޯންނަ, ވަގުތު ފަހާ ދުވަންޖެހޭ މަސައްކަތެއް ކަމަށާއި މިއީ ފަރުވާތެރިކަމާއެކު ކުރަންޖެހޭ ޒިންމާ ބޮޑު, މީހުންގެ ހައްގުތަކާ ގުޅިލާމެހިފައިވާ ޚިދުމަތެއް ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ ކުޑަކުޑަ އިހުމާލަކުން ވެސް މީހެއްގެ ނުވަތަ ބައެއްގެ ހައްގު ގެއްލި ދިޔުމުގެ ފުރުސަތު އޮވެދާނެ ކަމަށާއި ޒިންމާ އަދާނުކޮށް ފަރުވާކުޑަކުރެވިއްޖެނަމަ އިއާދަކުރަން ދަތި ގެއްލުންތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
”މި މަސައްކަތަކީ އުޖޫރުއަކާނުލައި ދާއިމީ ގޮތެއްގައި ކުރެވޭނެ މަސައްކަތެއް ވެސް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީ ޤާނޫނީ ވަކީލުންގެ ޚިދުމަތަށް ގަބޫލު ކުރެވޭ ފީއެއް ނެގިކަމުގައިވިޔަސް އަބަދުވެސް އިންސާފަށްވުރެ ފައިސާ އިސްނުކުރުމަށް އަދި މުވައްކިލުގެ މަސްލަހަތުގެ ކުރިޔަށް އުޖޫރަ އިސްނުކުރުމަށް.“
މީގެއިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ގާނޫނީ ފަންނު ތަރައްގީކޮށް ކުރިއެރުވުމަކީ އެންމެން ގުޅިގެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މި ފަންނު ތަރައްގީވެ ކުރިއަރާނީ އެކަކު އަނެކަކަށް އެހީތެރިވެ ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި ކޯޓު ތެރޭގައްޔާއި ކޯޓުން ބޭރުގައިވެސް އެކަކު އަނެކަކަށް އަދާކުރަންޖެހޭ އިހުތިރާމް އަދާކޮށްގެން ކަމަށެވެ.