ގެދޮރުވެރިޔާ ލޯނު ސްކީމުގެ ދަށުން ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނު ސްކީމަށް 500 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.
”އޭގެތެރެއިން އަޅުގަނޑަށް ޔަގީން 300 އާ ގާތްކުރާ މިންވަރަށް ހަމް ޔަގީނުން ވެސް 300 އަށްވުރެ މަތިން އަޅުގަނޑުމެން އެ ލޯނު އެޕްރޫވްކޮށްފަވާނެ. 170 މިލިއަން ވަރަކަށް ރުފިޔާގެ ލޯނު އެޕްރޫވްކޮށްފަވާނެ.“
އަސްލަމް ވިދާޅުވީ އެޕްރޫވް ކުރެވުނު 300 ލޯނުގެ ތެރެއިން 250 އާ ގާތްކުރާ މިންވަރަށް ލޯނު މިހާރު ޑިސްޕާސް ކުރެވެމުންދާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މި ސްކީމް ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ލޯނު ސްކީމުގެ ދަށުން 700,000 ރ. އާ ހަމައަށް ލޯނު ދޫކުރާނެއެވެ. ލޯނު ދޫކުރަނީ %6 އިންޓްރެސްޓްގައެވެ.
ލޯނު ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެެއް ލިބޭނެއެވެ. މި ލޯނަށް ޑިޕޮސިޓް ދައްކާަކަށް ނުޖެހޭނެއެވެ.
މި ސްކީމުގައި ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އެޅުމަށް ނުވަތަ ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. އަދި ހަދަން ފަށައިފައި ނުނިމި ހުުރި ޢިމާރަތަކަށް ބައެއް އިތުުރުކުރަން ވެސް ލޯނަށް އެދެވިދާނެއެވެ.