މާލޭ ސިޓީގެ މަގުމަތީގައި މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތް ކުރުމާބެހޭ އުސޫލާއި, މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތްކުރުމުގެ އުސޫލު ބާތިލުކުރަން އެދި ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.
އެ މައްސަލަ ބަލައިގަތީ ދެވަނަ ފަހަރަށް ހުށަހެޅުމުންނެވެ.
ފުރަތަމަ ހުށަހެޅުމުން ބަލައި ނުގަންނަން ނިންމި ސަބަބެއް ކަކުގައި ހައިކޯޓުން ބުނެފައިވަނީ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނާ ތަޢާރުޟުވާކަމަށް ގަބޫލުކުރެވޭ ސަބަބުތައް އެކަމުގެ ތަފްސީލާއެކު ހުށަހެޅުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ސްޓެލްކޯއިން މި މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ޢާންމުކޮށްފައިވާ ދެ އުސޫލަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފު ދެ އުސޫލުކަމަށް ބުނެފައިވީ ނަމަވެސް އެކަމުގެ ސަބަބުތައް ބަޔާންކޮށް ތަފްސީލުކޮށްދެވިފައިނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމާއި, މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކާ ގުޅިގެން އުސޫލެއް އެކުލަވާލައި މާލޭ ސިޓީ ކައުންސިލުން އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖަނަވަރީ 01 އިން ފެށިގެން ނަމަވެސް އެ އުސޫލު ގެޒެޓްކޮށްފައިވަނީ 02 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް އިއްޔެ މީގެކުރިން ވިދާޅުވެފައިވަނީ އެއީ ސިޓީ ކައުންސިލަށް އިއުލާނުކުރެވޭނެ އަދި އަމަލުކުރެވޭނެ އުސޫލެއް ނޫން ކަމަށާއި, އެއީ ބާތިލު އުސޫލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި މަގު ކޮނުމުގެ މަސައްކަތަށް ކުރިން ނެގި އަގުތަކަށް ބަދަލު ގެނައުމުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތް ތަކުން ކަމަށެވެ. އަދި ޢާންމު ރައްޔިތުންގެ ގޭގެއަށް ކަރަންޓު ކޭބަލް ވެއްދުމާއި ފެން ގުޅުމާއި އެކި ކަންކަމުގައި ކޭބަލް ވެއްދުމަށް މަގު ކޮނުމަކަށް އަގެއް ނުނަގާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.