އދ. ހަންޏާމީދޫއަށް ފެނުގެ ހިދުމަތްދޭން ފަށައިފިއެވެ.
ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އެވެ.
މި ހިދުމަތް އިފްތިތާހު ކުރެވުމާއިއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދޫގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަށް މިހާރު ފެނުގެ ހިދުމަތް ދަނީ ލިބެމުންނެވެ.
މިވަގުތު ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދެމުންގެންދާ ކަނެކްޝަންގެ ޖުމްލަ އަދަދަކީ 170 ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން، މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައި ކަމަށްވެސް ކުންފުނިން ބުނެއެވެ.