ހޮސްޕިޓަލުގައި ފަރުވާ ދިނުން ހުއްޓާލައި ގެއަށް ބަދަލުކޮށް ގޭގައި ފަރުވާ ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާދީއްތަ ދުވަހު ވިދާޅުވީ ހޮސްޕިޓަލުން ކުރީގެ ރައީސް ކާޓަރއަށް ދެމުން ދިޔަ ފަރުވާ ހުއްޓާލުމަށްފަހު އަމިއްލަފުޅު ގޭގައި ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރީގެ ރައީސަށް ހެއު ދުއާ ކުރައްވާކަމަށެވެ.
ކާޓަރ ފައުންޑޭޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 1977 އިން 1981 އަށް އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ރައީސް ”އުމުރުގެ ބާކީ އޮތްބައި އާއިލާއާއެކު ގޭގައި ހޭދަކުރައްވަން“ ނިންމަވައިފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޖިމީ ކާޓަރއަކީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ދެމުން ގެންދާތާ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ.
ކާޓަރއަކީ ސުލްޙައިގެ ނޯބަލް އިނާމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއާއި އަނބިކަނބަލުން ރޮޒެލީން ދިރިއުޅުއްވަނީ ޖޯޖިއާގެ ޕްލޭންސް ސަރަހައްދުގައެވެ.
ރައީސް ބައިޑަން ކުރެއްވި ޓްވިޓެއްގައި އޭނާގެ އަނބިކަނބަލުން ޖިލް ވެސް ޖިމީ ކާޓަރއަށް ހެއު ދުއާ ކުރައްވާކަމަށް ވިދާޅުވެ ހެއު އެދުން ފާޅުކުރައްވާފައި ވެއެވެ.

އުމުރުން 98 އަހަރުގެ ކާޓަރއަށް ހެއު އެދުން ފާޅުކުރެއްވުމާ ގުޅިގެން ކާޓަރ ފައުންޑޭޝަނުން ވަނީ ބައިޑަންއަށް ޝުކުރު ދަންނަވާފަ އެވެ.
އެންމެ ފަހުން ބައިޑަން އާއި އޭނާގެ އަނބިކަނބަލުންނާ ކާޓަރއާ ބައްދަލުވެ ވަޑައިގަތީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ޕްލޭންސްގައި ހުންނަ ކާޓަރގެ ގެކޮޅުގަ އެވެ.
ކާޓާ ފައުންޑޭޝަނަކީ ދުނިޔޭގެ ސިޔާސީ ކަންކަމާ މެދު އޭނާގެ ތަސައްވުރު ކުރިއެރުވުމަށް 1982 ވަނަ އަހަރު އުފެއްދި ފައުންޑޭޝަނެކެވެ.
ވެރިކަމުގައި ހުންނެވި ދުވަސްވަރުގައި ވެސް އަދި އޭގެ ފަހުން ވެސް ކާޓަރ ވަނީ އިންސާނީ ހައްގުތަކާއި އިޖުތިމާއީ އިންސާފު ހޯއްދަވައި ދެއްވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެމެރިކާއިން ވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް ހީވާގި މަސައްކަތްތަކެއް ކޮށްފަ އެވެ. މިސްރާއި އިސްރާއީލާ ދެމެދު ވެފައިވާ ކެމްޕް ޑޭވިޑް އެއްބަސްވުމަކީ ކާޓަރ ކުރެއްވި ބުރަ މަސައްކަތްތަކުގެ މޭވާއެކެވެ.
މެދުއިރުމަތީގައި ކާމިޔާބު މަސައްކަތްތަކެއް ކާޓަރ ކުރެއްވިކަމަށް ވިޔަސް 1980 ވަނަ އަހަރު އީރާނަށް އައި އިންގިލާބުގެ ތެރޭގައި ތެހެރާނުގައި ރަހީނުކޮށްފައި ތިބި އެމެރިކާގެ 52 މީހުން ސަލާމަތް ކުރެއްވުމަށް އޭނާ ކުރެއްވި ނާކާމިޔާބު މަސައްކަތް ވެސް އޭނާގެ ރިޔާސީ ދައުރުގެ ހަނދާންތަކުގެ ތެރޭގައި ހިމެނެއެވެ.