މާލެ އަތޮޅު އާރަށް ކައިރީ އޮންނަ ފަޅެއްގައި ތަރައްގީ ކުރަމުންދާ ”ފްލޯޓިން ސިޓީ“ގެ ގެތައް އެ ފަޅުގައި މިއަދު ބަހައްޓައިފި އެވެ.
ފްލޯޓިން ސިޓީގައި ބެހެއްޓުމަށް ނިންމާފައިވާ ގެތައް ހެދުމުގެ މަސައްކަތް ފެށީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސްއިންނެވެ.
ބައިސަން މޯލްޑިވްސް އިން މިއަދު ވަނީ އެ ފަޅުގައި ބަހައްޓާފައިވާ ގެތަކުގެ ފޮޓޯތައް އާންމުކޮށްފަ އެވެ. އެ ގެތައް އެ ފަޅަށް ގެންގޮސްފައިވަނީ ޓަގެއްގެ އެހީގަ އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގަން ރާވާފައިވާ މި މަޝްރޫއުގެ ދަށުން، 500،0 ހައުސިން ޔުނިޓް އަޅާ ގޮތަށް ޕްލޭންކޮށްފައިވެ އެވެ.
ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައް ހަދަން ޕްލޭންކޮށްފައިވެ އެވެ. އަދި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.