އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިޙް, ޢަދާލަތު ޕާޓީގެ ތާއީދަށް އެދިވަޑައިގެންފައިވާތީ އެކަމާމެދު އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ޢަދާލަތުން ނިންމައިފިއެވެ.
އެ ގޮތަށް ނިންމީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.
”ކުރިއަށް އޮތް ރިޔާސީ ދައުރުގައި ޢަދާލަތު ޕާޓީއާ ގުޅިގެން ސަރުކާރެއް އުފެއްދުމަށްޓަކައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙަށް ތާއީދުކުރުމަށް އެމްޑީޕީގެ ނަންބަރު MDP/2023/048 ސިޓީއިން އެ މަނިކުފާނު އެދިވަޑައިގެންފައިވާތީ މި ހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާ އަޅާބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިޢާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ޢަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މިރޭ [20 ފެބްރުއަރީ 2023 ދުވަހުގެރޭ] ބޭއްވުނު ކުއްލި ބައްދަލުވުމުން ވަނީ ނިންމާފައެވެ.“

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނާއެކު ހުންނެވުމަށް އެދިވަޑައިގެން ރައީސް ޞާލިޙް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި, އެމްއާރްއެމްގެ ޒަޢީމް މައުމޫން ޢަބްދުލްޤައްޔޫމަށް ވެސް ސިޓީ ފޮނުއްވައިފައެވެ. ނަމަވެސް އެ ދެ ޕާޓީއަކުން އަދި ރައީސްގެ ސިޓީއާމެދު ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.