ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާހައި ހިނދަކު މަޖިލިސް ހިންގަވަމުން ގެންދަވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
”އަޅުގަނޑު މިތާ އިންހާ ދުވަހަކު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އިރާދަކުރެއްވިއްޔާ ހިންގަމުން ގެންދާނަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަސާސީ ދެ އަމާޒެއް އޮންނަންޖެހޭ ކަމަށާއި އެއީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުން ކަމަށެވެ. މި ދެ ކަންތައް ކުރުމުގައި މަޖިލީން ބޭނުންކުރެވޭ ވަސީލަތްތަކަކީ ބިލާއި، ކުއްލި މައްސަލައާއި، ގަރާރާއި، ކޮމިޓީތަކުގެ ދިރާސާތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ވަސީލަތްތައް ބޭނުން ކުރައްވައިގެން މަޖިލިސް ޑިމޮކްރެޓިކް އުސޫލުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމުގައި ހުރިހާ މެންބަރުންނަށް ވެސް އެހީތެރިވެދެއްވޭނެ ކަމަށެވެ.