އިސްލާހަށް މަސައްކަތްކުރާ ކޮންމެ ޕާޓީއަކާއެކު މަސައްކަތް ކުރަން އެމްއާރްއެމްއިން ތައްޔާރުކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނާއެކު ހުންނެވުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްގެ ޒަޢީމް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމާއި, ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނަށް ސިޓީއެއް ފޮނުއްވައިފައެވެ.
ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި އެމްއާރްއެމްއާއި، ޖޭޕީއާއި، ޢަދާލަތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައިވާކަން ފާހަގަކުރައްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް ފޮނުއްވި ސިޓީގައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީތަކާއެކު ނުކުންނަވަން ބޭނުންފުޅުވާތީ އެކަމާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
”ދިޑެއިލީ“ އަށް ދެއްވި ބަސްދީގަތުމެއްގައި ފާރިޝް މިއަދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ފަރާތުން ޕާޓީގެ ޒަޢީމަށް ފޮނުއްވި ސިޓީއެއް އެބައޮތް ކަމަށާއި އެ ސިޓީއާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
”މިކަންކަމާއި (ރައީސްގެ ސިޓީއާއި) 2023 ގެ އިންތިޚާބުގައި މަސައްކަތް ކުރާނެ ގޮތަކާމެދު އެމްއާރްއެމްގެ ތެރޭގައި މަޝްވަރާ ކުރެވެމުން މި ދަނީ. އަޅުގަނޑުމެންގެ އެކްސްކޯގަ ވެސް އަދި އަޅުގަނޑުމެންގެ ސިޔާސީ މަޤާމުތަކުގަ ތިއްބެވި ބޭފުޅުން ވެސް މަޝްވަރާ އެބަ ކުރައްވާ. ޢާންމު މެންބަރުންގެ ޚިޔާލު ވެސް ހޯދަމުން މި ދަނީ.“
ފާރިޝް ވިދާޅުވީ ޕާޓީގެ މަސައްކަތައްތައް ބައްޓަން ކުރާނީ ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ކަމަށާއި, މައިގަނޑު ކަމަކަށް ދިވެހިރާއްޖޭގެ ކަންތައްތައް އިސްލާހު ކުރުމަށްޓަކައި ކަމަށެވެ. ކޯލިޝަނެއްގައި ބައިވެރިވީ ވެސް މި މަގުސަދުތައް ހާސިލު ކުރުމަށްޓަކައިކަމަށް ފާރިޝް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކުރައްވާ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ރިޕޯޓެއް އެކުލަވައިލައްވާނެ. އެއަށް ވިސްނާފައި ލީޑާޝިޕުން ގޮތެއް ކަނޑައަޅާނެ.“
މީގެ އިތުރުން ފާރިޝް ވިދާޅުވީ އިސްލާހަށް މަސައްކަތްކުރާ ކަމަށް ރައްޔިތުން ގަބޫލުކުރާ އަދި ޕާޓީން ވެސް ގަބޫލުކުރާ ކޮންމެ ބަޔަކާ އެއްކޮށް ވެސް މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވި ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާމެދު އެމްއާރްއެމްއިން މަޝްވަރާ ކުރަމުން އަންނައިރު، ފާރިޝްގެ ސަޕޯޓަރުން އަންނަނީ ”ފާރިޝް ފޯ ޕްރެޒިޑެންޓް“ އަދި ”ފާރިޝް 2023“ ގެ ނަމުގައި ދެ ޓްވިޓާ އެކައުންޓެއް ހަދައި ކެމްޕޭން ކުރަމުންނެވެ. އެ ދެކައުންޓަކީ ވެސް މި އަހަރު ފެށުނު ފަހުން ބޭނުންކުރަމުން އަންނަ ދެ އެކައުންޓެވެ.
”#ފާރިޝް2023“ ހޭޝްޓެގާއެކު ފާރިޝްގެ ސަޕޯޓަރަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފާރިޝަކީ އަމިއްލަ މަސްލަހަތު އެއްކިބާކޮށް ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށާއި، ފާރިޝަކީ ރައްޔިތުންދެކެ ލޯބިވާނެ ދަރިއެއް ކަމަށެވެ. ހަމައެހެންމެ ”ފާރިޝް 2023“ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފާރިޝަކީ ފަސްޖެހިވަޑައިގަތުމެއްނެތި ކެރިވަޑައިގެން ހަޤީޤަތް ހާމަކުރައްވައި ތެދުބަހުން ވާހަކަ ދައްކަވާނެ ސިޔާސީ ލީޑަރެއް ކަމަށެވެ.
ރައީސްކަމަށް ކުރިމަތިލެއްވުމާމެދު ޚިޔާލުފުޅަކީ ކޮބައިތޯ ދެންނެވުމުން ފާރިޝް ވިދާޅުވީ އެކަމާމެދު އަދި ނުވިސްނަވާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އެކަމަށް އެދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.