ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނާއެކު ހުންނެވުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޯލިޝަން ޕާޓީތަކަށް ފޮނުއްވި ސިޓީއާމެދު ގޮތެއް ނިންމުމަށް ޢަދާލަތު ޕާޓީން މިރޭ މަޝްވަރާކުރަން ނިންމައިފިއެވެ.
ރައީސް ޞާލިޙް ސިޓީ ފޮނުއްވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ޢަދާލަތު ޕާޓީގެ ރައީސް އިމްރާނާއި, އެމްއާރްއެމްގެ ޒަޢީމް މައުމޫން ޢަބްދުލްޤައްޔޫމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ސިޓީގައި ވަނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ 4 އަހަރުތެރޭ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރައްވައިފައެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީތަކާއެކު ނުކުންނަވަން ބޭނުންފުޅުވާތީ އެކަމާ މަޝްވަރާވކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ސިޓީގައި ވެއެވެ.
ޢަދާލަތު ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު މީގެ އިރުކޮޅެއް ކުރިން ”ދިޑެއިލީ“ އަށް ވިދާޅުވީ ރައީސްގެ ސިޓީއާމެދު ގޮތެއް ނިންމުމަށް މިރޭ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާނެ ކަމަށާއި ނިންމާ ގޮތެއް މިރޭ ހާމަކުރައްވާނެ ކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް އަންނަނީ ރައީސްގެ ސިޓީއާމެދު މަޝްވަރާ ކުރަމުންނެވެ.