ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް، އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.
ޑީއާރްޕީ އުވައިލަން ނިންމީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އީސީއަށް ތިން މަސް ދުވަހުގެ ތެރޭގައި އެ ޢަދަދަށް މެންބަރުން ހަމަނުކުރެވުމުންނެވެ.
ޑީއާރްޕީން އެ މައްސަލަ ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާ ނިންމުމުގައި ވަނީ ޑީއާރްޕީން ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ އިޙްތިޞާޞްގެ ތެރޭގައިވާ މައްސަލައެއް ނޫންކަމަށެވެ.
”..ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭ ބާވަތުގެ މައްސަލައެއް ކަމުގައި ނުވާތީއާއި ޑީއާރްޕީގެ ފަރާތުން ސިޔާސީ ޕާޓީއާބެހޭ ފޯމުން ހުށަހަޅާފައިވާ މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތްކަން އެންގީމެވެ.“ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން އެ މައްސަލަ ވެސް ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.