ނަފްސާނީ ބަލިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވާއިރު ބައެއް މެންބަރުން އެ މައުޟޫއުގެ ތެރެއިން ސިޔާސީ ވާހަކަތައް ދައްކަވައި އެހެން ބޭފުޅުންނަށް ފުރައްސާރަ ކުރައްވާތީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، ނަފުސާނީ ސިއްހަތާ ގުޅޭ ޚިދުމަތްތަކާބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެެރެއިން ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ގޮވާލައްވައި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޟް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެން) ވާހަކަ ދެއްކެވި ގޮތުންނެވެ.
ޝަހީމްގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ރައީސް ނަޝީދަށް މިހާރު ދެމުން ގެންދާ ސެކިއުރިޓީއާ ގުޅޭ ގޮތުގެ ވާހަކައާއި، ކުރީގެ ރައީސުންގެ ސެކިއުރިޓީއާމެދު ކުރީ ސަރުކާރުން އަމަލު ކުރި ގޮތުގެ ވާހަކައެވެ.
އެ ގޮތުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ޑިފެންސް މިިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ޢުމަރުފަދަ ބޭފުޅުން އަނބުރާ އެ މަޤާމަށް ވަޑައިގެންފިނަމަ ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދެއްވާ ގޮތުގެ ވާހަކަ ޝަހީމް ދެއްކެވިއެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސެކިއުރިޓީ އެންމެ ބޮޑީގާޑަކަށް މަދުކޮށްލުމުން އެމަނިކުފާނަށް ގެއިން ނިކުމެވަޑައި ނުގަނެވޭ ކަމަށެވެ. އަދި ގޭގައި އިންނަވާއިރު ބިރުފުޅުން އިންނަވަންޖެހޭ ހާލަތަކަށް ކަންކަން ދިޔައިމާ މި ގަރާރުގައިވާފަދަ ނަފުސާނީ ކަންކަން ދިމާވުމަކީ ގާތްކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ވަކި ހިސާާބަކުން ނަޝީދު ވަނީ އަނދުން ހުސެންގެ ވާހަކަތައް ހުއްޓުވައިފައެވެ.
”އަޅުގަނޑުމެން މި މަޖިލީހުގައި އެ މައުޟޫއު ބޭނުންކޮށްގެން އެކިއެކި ގޮތްގޮތަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ދިމާކުރުމާއި މި ބާވަތުގެ ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލީހުން ކޮށްގެންވާނެ ކަމެއް ނޫން. އަދި އަޅުގަނޑު އުންމީދުކުރަން ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެެރި މެންބަރު އަޅުގަނޑު މި ދެއްކެވި ވާހަކަތަކަށް އިޙުތިރާމުކޮށް އެ ގޮތަށް އަމަލުކުރައްވަމުން ގެންދަވާނެ ކަމަށް.“
ރައީސް ނަޝީދު ވަނީ ނަފްސާނީ ބަލީގެ މައުޟޫއަށް ވާހަކަ ދައްކަވާއިރު ސަރުކާރުން އެކަމުގައި އަމަލުކުރާ ގޮތާއި ވިސްމުން އޮތް ގޮތާއި ލުއި ލިބެން އޮތް ގޮތުގެ މައްޗަށް މެންބަރުންގެ ވާހަކަތައް ބައްޓަންކުރުން މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.