ސަރުކާރު މުވައްޒަފުންނަށާއި ސަރުކާރުން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދެއްކެވުމަކީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވާ ކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ތުހުމަތު ކުރައްވައިފިއެވެ.
އީވާ މިފަދަ ތުހުމަތެއް ކުރެއްވީ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ގުޅޭ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އީވާ ވިދާޅުވީ ޤާާނޫނު ކިތަންމެ ހައި ވެސް ޗާލު ކަމަށެވެ. ނަމަވެސް މީގެ މުޑުދާރު ކަމަކީ މިއީ އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ޤާނޫނަކަށްވާއިރު، އެމްޑީޕީން މިހާރު ދައްކާ ވާހަކައާއި ކުރާ އަމަލާއި ކުޑަކޮށް ވެސް ދިމާނުވުން ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މަސައްކަތްތެރިންގެ ޙައްޤު ހިމާޔަތް ކުރަންޖެހޭކަމަށް ބުނެ އެއްކޮޅުން ޤާނޫނު ހުށަހަޅާއިރު އަނެއް ކޮޅުން މިދަނީ މަސައްކަތްތެރިންނަށް ބިރު ދައްކަވައި ބާރު ފޯރުވަމުން ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަން ކުރެއްވީ މަސައްކަތްތެރިންގެ ޙައްޤު ހިމާޔަތް ކުރުމާ ދިމާ އިދިކޮޅަށް ކަމަށް ދޭހަވާ ގޮތަށް އީވާ ވާހަކަ ދެއްކެވިއެވެ.
”ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވާ ކަމެއް. ސަރުކާރު މުވައްޒަފުންނަށާއި ސަރުކާރުން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ މަނިކުފާނަށް ތާއީދުކުރިއްޔާ ނޫނިއްޔާ ވަޒީފާގައި ނުތިބެވޭނޭ.“ އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ތާއީދެއް ނެތްކަން އެނގިވަޑައިގަތުމުން މުވައްޒަފުންނަށް ބިރު ދައްކަވައި ކަޅު ފައިސާ ވެސް ބަައްސަވަނީ ކަމަށެވެ.
ރައީސް ޞާލިޙަށް އަމާޒުކުރައްވައި އީވާ އިތުރަށް ވިދާޅުވީ ސަރުކާރު ހިންގުމުގެ ވިސްނުންފުޅެއް ނެތިއްޔާ ވިސްނުމެއް ހުރި ބަޔަކާ ހަވާލުކުރައްވާފައި ގެއަށް ވަޑައިގެންނެވިޔަސް މާ ރަނގަޅުވާނެ ކަމަށެވެ.