މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީއަށް އަންގައިފިއެވެ.
އޭސީސީއިން މިއަދު ބުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި ހ.ސްނޫޕީ/ ޢަބްދުﷲ ޢާޞިމަށް ލިބުނު 2,460,000.00 އެމެރިކާ ޑޮލަރު (37,933,200 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި އެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ.
އޭސީސީއިން ބުނީ އެމްއެމްޕީއާރްސީއަށް އެކަން އެންގީ 14 ފެބުރުވަރީ 2023 ގައި ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުން ޢާޞިމަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ތިމާގެ މީހެކެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ތަޙްޤީޤަށްފަހު އެކުލަވައިލިއެވެ. ނަމަވެސް ޚިޔާނާތުގެ މައްސަލައިގައި ދަޢުވާ އުފުލައި ޙުކުމްކޮށްފައިވަނީ ދެތިން ބޭފުޅަކަށެވެ.