ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރަން ނިންމައިފިއެވެ.
ޤާނޫނާ ޚިލާފަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރަން ފުރަތަމަ ތާވަލުކުރީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު އެ މުޒާހަރާ ކުރާ ގޮތަށް އިދިކޮޅުން ވަނީ ނިންމާފައެވެ.
އެކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ތިލަފުށީގެ ބިން ހިތު ހުރިހައި ގޮތަކަށް ވިއްކައި އަދި ބޭރުގެ ކުންފުނިތަކަށް ޢުމުރު ދުވަހަށް ނުއަގުގައި ބިން ދިނުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މި ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ނުކުންނައިރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފ.އަތޮޅު ވިއްކައިލަން އުޅުމާ ހުރި ތަފާތަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ އެ މަޝްރޫޢުއަކީ ރާއްޖޭގައި ހިނގާނެ އެންމެ ބޮޑު އިގުތިސާދީ މަޝްރޫޢު ކަމަށެވެ. އަދި އެ މަޝްރޫޢުއިން ދިވެހިންގެ ދިރިއުޅުން ތަނަވަސްކޮށްދޭނެ ކަމަށާއި ކޮންމެ ރައްޔިތެއްގެ ބޮލަށްޖެހޭ ޑޮލަރުގެ އަގު މިހާރަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ”ތިޔަހެނެއް ނުވިއްކޭނެ“ ގެ ނަމުގައި އިދިކޮޅުގެ އެއްވުން ފަށާނީ އަންނަ ހުކުރު ދުވަހު ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އަދި އެ އެއްވުން ކުރިއަށްދާނީ ހިނގާލުމެއްގެ ގޮތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ތިލަފުށިން ސިނާޢީ ބޭނުންތަކަށް ބިން ދޫކުރުމަށް ހުޅުވައިލީ މި މަހުގެ ދެވަނަ ދުވަހުއެވެ. އިއުލާނުގައިވާ ގޮތުން ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ ބިން ދޫކުރާނީ 99 އަހަރަށް ކުއްޔަށެވެ.
އަހަރުމެން ނިކުންނާނީ ”އިންޑިޔާއަށް ކަލޭމެނަކަށް ދެނެއް ނުދެވޭނެ“ މިގޮތަށް މަޒާހިރާ ކުރަން އަންނަ ހޮނިހިރު ދުވަހުއެވެ.