ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ފިކުރާއި އަސާސްތަކާ އެއްގޮތަށް އަނބުރައިލުމަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފިއެވެ.
މި ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަން ހިންގެވުމުގައި އިސްކޮށް އުޅުއްވާ ވައްޑެ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ކަންކަން ނިންމުމާއި ހިންގުމުގެ ބާރު ރައްޔިތުންނަށް އޮންނަންޖެހޭ ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ގޮތުގެ މަތިން މެނިފެސްޓޯއެއް ވެސް އެކުލަވާލައިފައިވާ ކަމަށެވެ.
ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ކެމްޕޭނަށް ބޭނުންކުރައްވަމުން ގެންދަވަނީ އެމްޑީޕީން 2008، 2013 އަދި 2018 ވަނަ އަހަރު އެކުލަވައިލި ސިޔާސަތުތަކާއި ޕާޓީގެ ވިސްނުންތަކާ ސީދާ ކަނޑައެޅިގެން ގަސްތުގައި ދިމާ އިދިކޮޅު ސިޔާސަތުތަކެއް ކަމަށާއި އެކަމާ ގުޅިގެން ޕާޓީގެ މެންބަރުންނާއި ރާއްޖޭގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
އެކަންކަން ފާހަގަކުރައްވައި ވައްޑެ މައްސަލައިގައި ގޮވާލައްވާފައިވަނީ އެމްޑީޕީގެ އަމާޒަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަށެވެ.