އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ.
މި ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒެވެ.
ޤާނޫނުގައި މިހާރު އޮންނަ ގޮތުން އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަަހަޅަންޖެހެނީ އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަސްތެރޭގައެވެ. އެ މުއްދަތު އެއް މަސް އެއްމަސް ދުވަހަށް އިތުރު ކުރުމަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
ހަމައެއާއެކު ރަސްމީ އިންތިޚާބީ އެޖެންޓު މަރުވުން ނުވަތަ އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަން ކޮމިޝަނަށް އަންގަންޖެހޭ މުއްދަތަށް ބަދަލު ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އެއީ އެފަދަ ހާލަތެއްގައި 48 ގަޑިއިރު ތެރޭގައި އެކަބް އީސީއަށް އެންގުމަށް ހުށަހަޅާފައިވާ އިސްލާހެވެ.
މީގެއިތުރުން ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ ޢަދަދު %1 އަށްވުރެ އިތުރުނުވާ ޢަދަދެއްގެ ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށް ޤާނޫނުގައި މިހާރު އޮތް އޮތުން ބަދަލުކުރަން ވެސް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. އެއީ ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ ޢަދަދު 100 އަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއް ވޯޓު ކަރުދާސް ފޮނުވުމަށް ހުށަހެޅުއްވި އިސްލާހެވެ.