އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މަންދޫބުން ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފިއެވެ.
ނަޝީދުގެ ދެ މަންދޫބަކު ޤާސިމާ ބައްދަލުކުރެއްވީ ސަން އައިލެންޑް ރިސޯޓުގައެވެ.
ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ މަންދޫބުންގެ ގޮތުގައި ގދ.އަތޮޅުގެ ކުރީގެ މެންބަރު މުޙައްމަދު ރަޝާދު ޙުސައިނާއި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ޖޭޕީގެ ލީޑަރު ޤާސިމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް ބައްދަލުވުމާބެހޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު މިހާރު ގެންދަވަނީ ”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީތެރޭގައި ސިޔާސީ ހަރަކާތް ހިންގުމުގެ މަސައްކަތް ކުރައްވަމުންނެވެ. ވިދާޅުވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލެއް ނުކުރައްވާނެ ކަމަށާއި ރައީސް ޞާލިޙާއެކު ވެސް ނުހުންނަވާނެ ކަމަށެވެ.
ނަޝީދުގެ މަންދޫބުން ޤާސިމާ ބައްދަލު ކުރައްވާފައިވާއިރު, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު، ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު, އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާ ދެ ބޭފުޅުން ވެސް ދާދިފަހުން ވަނީ ޤާސިމާ ބައްދަލު ކުރައްވައިފައެވެ.
ޢަލީ ނިޔާޒް ވިދާޅުވީ އެއީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި މިސްރާބު ހުރީ ކޯލިޝަނާއެކު އެމްޑީޕީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ މަގަށް ކަމަށް އޭނާ ވިދާޅުވިއެވެ.