ދާދިފަހުން އިންޑިއާއަށް ގޮސް އުޅެނިކޮށ ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް މަލާމަތް ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޙުސައިންގެ މައްސަލައިގައިވަނީ ސަމަދުބެއަކީ ސަލާމަތީ ޚިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި, ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާއިރު އެފަދަ ދިވެހި ދަރިއަކާމެދު މާރިޔާ ވާހަކަ ދެއްކެވީ ދަށު ދަރަޖައިގެ ގޮތަކަށްކަން ފާހަގަ ކުރައްވައިފައެވެ. އަދި މާރިޔާއަކީ މީގެކުރިން ވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަކުރައްވާފައިވާ އަދި ޢާންމު ގޮތެއްގައި ފުލުހުންނާއި ސިފައިންނަށް ބަދުބަސް ވިދާޅުވާ ބޭފުޅެއްކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
މިފަދަ ބޭފުޅަކު މި މަޤާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ނުކުރާ މިންވަރު ހާމަވާ ކަމެއް ކަމަށް ޙުސައިންގެ މައްސަލައިގައި ވިދާޅުވިއެވެ. ހަމައެއާއެކު ވަކި ޤައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ ޤައުމަށް ސަނާ ކިޔައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ޙުސައިންގެ މައްސަލައިގައި ވިދާޅުވިއެވެ.
އެހެންކަމުން ޙުސައިންގެ މައްސަލައިގައި ގޮވައިލެއްވީ ސަމަދުބެއަށް މަލާމަތްކޮށް ޖޯކު ޖައްސަވައި މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މާފަށް އެދިވަޑައިގަތުމަށެވެ. އަދި މިފަދަ މަޤާމެއްގައި ހުންނަވައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ވެސް ސަރުކާރަށް ގޮވައިލެއްވިއެވެ.
މި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 8 މެންބަރުންނެވެ. ނުފެންނަކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ.
މާރިޔާ ސަމަދުބެއަށް މަލާމަތް ކުރައްވައި ވާހަކަ ދެއްކެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައެވެ.
”ވިދާޅުވީ މުޅި ޢުމުރު ތިމަންނާ ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން [އިދިކޮޅުގެ މުޒާހަރާތަކުގައި] ޖަޑިބެއްހެން ހުންނަވާ ތަން ފެނޭ. [އިންޑިއާއަށް] ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގުރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން. ހެހެ. މިވަރުގެ މީހުން ނުކުމެ މި އުޅެނީ.“ ސަމަދުބެއަށް ފުރައްސާރަކުރައްވަމުން މަލާމާތުގެ ރާގަކަށް މާރިޔާ ވިދާޅުވެފައިވެއެވެ.
ސަމަދުބެއަކީ “ފިނޑި މީހެއް“ ގެ ގޮތުގައި ވެސް މާރިޔާ ވަނީ ސިފަކުރައްވައިފައެވެ.