މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު ”ނޫރު-2“ ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިންނަށް ލިބުނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ.
އެ ގޮތުން އެ ސަރަހައްދަށް ދިޔައިރު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯނިން ދަތުރުކުރީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށާއި, އެ މީހުން ކަނޑުވެފައި ތިއްބާ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދަށް ފެނިގެން އެ މީހުން ނަގައިގެން ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.