ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް ”ހީރާމަންޑީ“ ގެ ބަތަލާއިންތަކަކާ އެކީ އޭގެ ފަސްޓްލުކް މިއަދު ދައްކާލައިފި އެވެ.
ނެޓްފްލިކްސް އަށް ބާންސާލީ ތައްޔާރުކުރާ މި ސިލްސިލާގައި މަނީޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ޝަރްމީން ސޭގަލް އަދި ސަންޖީދާ ޝޭޚް ބައިވެރިވެ އެވެ.
މި ސިލްސިލާގެ ފުރަތަމަ ޓީޒާ އިންޓަނެޓުގައި ޕޯސްޓްކުރުމާއެކު ބެލުންތެރިންގެ ހިތް ވަނީ މި ސީރީޒް އަށް ދީފަ އެވެ. އަދި މިހާރުއްސުރެ ސީރީޒް ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް ބެލުންތެރިން ބުނެފައި ވެއެވެ.
މި ބަތަލާއިންގެ ތެރެއިން މަނީޝާ އަކީ ބަންސާލީގެ ފުރަތަމަ ފިލްމު 1996 ގެ ”ހާމޯޝީ: ދަ މިއުޒިކަލް“ ގެ ބަތަލާ އެވެ.
ޓީޒާ ވީޑިއޯ ފެށޭއިރު ސީރީޒްގައި މުހިއްމު ރޯލުތައް ކުޅޭ ކޮންމެ ބަތަލާއެއް ވަކިވަކިން ދައްކާލަ އެވެ. މަސްޓަޑް ކުލައިގެ ސަގާފީ ހެދުމުގައި ތިބި މީގެން ކޮންމެ ބަތަލާއެއް ވެސް ވަރަށް ރީތިވެފައި ފުރިހަމަ އެވެ.
”ހީރާމަންޑީ“ގައި ދައްކަނީ ޕާކިސްތާނުގެ ލާހޯރުގައި ވަރަށް ކުރީ ޒަމާނެއްގައި ހިނގި ހާދިސާ ތަކެކެވެ. ހީރާ މަންޑީ އޭރިއާގައި ދިރިއުޅުނު ހަށިވިއްކާ އަންހެނުންތަކެއްގެ ތިން ޖެނެރޭޝަނެއްގެ ވާހަކަ މި ސީރީޒްގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. މިއީ 1940ގެ އަހަރުތަކުގައި އިންޑިޔާ މިނިވަންވާން މަސައްކަތްކުރި ދުވަސް ވަރަކަށް ބިނާކޮށްފައިވާ ވާހަކައެއްކަމުން އެކަމާ ގުޅޭ ބައެއް ހާދިސާތައް ވެސް ސީރީޒްގައި ދައްކާނެ އެވެ.