ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ ވޯޓުު ނެގުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި މަޝްވަރާ ކުރައްވަން ފަށްޓަވައިފިއެވެ.
ދާދިފަހުން އިންޑިއާއިން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް މަލާމަތް ކުރައްވައި މާރިޔާ ދެއްކެވި ވާހަކަތަކާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ މާރިޔާގެ ދަށު ދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރުކުރުވާނެ ކަމަށް ވިދާޅުވެފައެވެ.
”ދިވެހި ދަރިއަކާ ދޭތެރޭ ޚާއްސަކޮށް ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާ ޝަރަފުވެރި ކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ސަމަދުބެއާ ދޭތެރޭ ދިފާއީ ވަޒީރު މާރިޔާގެ ދަށު ދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރު ކުރާނަން.“
މިކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ޝިޔާމް ޗެނަލް 13 އަށް ވިދާޅުވީ މާރިޔާގެ ވާހަކަތަކުން އޭނާއަކީ ދިފާޢީ ވަޒީރުކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަން އެނގޭ ކަމަށެވެ.
އަދި މާރިޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ޢަދަދަށް މެންބަރުން އިދިކޮޅުގައި ނެތުމުން, މާރިޔާގެ ޢަމަލުތައް ކުށްވެރިކުރައްވާ މެންބަރުންނާ މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މާރިޔާ ސަމަދުބެއަށް މަލާމަތް ކުރައްވައި ވާހަކަ ދެއްކެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައެވެ.
”ވިދާޅުވީ މުޅި ޢުމުރު ތިމަންނާ ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން [އިދިކޮޅުގެ މުޒާހަރާތަކުގައި] ޖަޑިބެއްހެން ހުންނަވާ ތަން ފެނޭ. [އިންޑިއާއަށް] ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގުރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން. ހެހެ. މިވަރުގެ މީހުން ނުކުމެ މި އުޅެނީ.“ ސަމަދުބެއަށް ފުރައްސާރަކުރައްވަމުން މަލާމާތުގެ ރާގަކަށް މާރިޔާ ވިދާޅުވެފައިވެއެވެ.
މާރިޔާގެ ބަސްމަގު ހުރި ގޮތުން ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.