އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ހަވާލުކުރުމުގެ ރަސްމިއްޔާތަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިނުގަތުމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙާ ހަވާލުކުރެއްވީ އެކަމަށްޓަކައި ކާނިވަލުގައި މިދިޔަ ހުކުރުދުވަހުގެރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި ރައީސް ޞާލިޙާ ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ.
ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ޝަރީފް މިއަދު ވިދާޅުވީ ޑިމޮކްރަސީގެ ރީތި ހަމަތައް ގަބޫލުކުރާ ކޮންމެ މީހަކު ވެސް އިންތިޚާބަކުން ބަލިވެެއްޖެނަމަ އެކަން ގަބޫލުކުރާނެ ކަމަށެވެ.
”އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން, ރައީސް ޞާލިޙަށް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް.“
ރައީސް ޞާލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައި %22 ގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. ނަމަވެސް ނަޝީދު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.