ސްކޭން ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް އައިޖީއެމްއެޗުގައި ނެތް ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުގައި ބައެއް ވަސީލަތްތައް ނެތް ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓުކުރުމުން އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންކުރާ މެޝިންތަކާއި ކޮންސިއުމަބަލްސްެއަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ތަކެތީގެ އަގާއި ފެންވަރަށް ބަލައި ވަކި އުސޫލަކުން ގެނެވޭ ތަކެތި ކަމަށެވެ. އަދި އެ ތަކެއްޗަކީ ބަލި މީހުންނަށް ރައްކާތެރި, ދުނިޔޭގެ ސެޓިފައިން ބޮޑީތަކުން ގަބޫލުކުރާ ރަނގަޅު އިކުއިޕްމަންޓުތަކެއް ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގައި ސްކޭން ކުރުމަށް (އަލްޓްރާސޮނޮގްރެފީ/ޔޫއެސްޖީ) ބޭނުންވާ ޕޯޓަބަލް މެޝިން ނެތްކަމަށް ބުނެ ފަތުރަނީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި މިވަގުތު ވެސް އެފަދަ 5 މެޝިން އެ ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން އައިޖީއެމްއެޗުން ބުނީ މުދާ ގަތުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކެއް ހުރުމުންނާއި ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމާއެކު ޚަރަދު ކުޑަކުރަން އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު ޑިޕާޓްމަންޓުތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެ ވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ މައި ހޮސްޕިޓަލަށް ވީ ހިނދު, އެ ހޮސްޕިޓަލުގެ ޚިދުމަތްތަކާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދި, އިތުބާރު ގެއްލޭފަދަ ޚަބަރެއް ޝާއިއުކުރުމުގެ ކުރިން ހޮސްޕިޓަލުގެ ބަހެއް ހޯދުމަކީ މުހިންމުކަމެއް ކަމަށެވެ.